އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 300،000 އިން މައްޗަށް އަރައިފިއެވެ.
އިންޑިއާގެ ކޮވިޑް ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ރަސްމީ އަދަދުތަކުން ދައްކާވަރަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެއެވެ. އެއީ ގިނަމަރުތަކެއް ކޮވިޑަށް ޓެސްޓު ނުކުރެވި ވެދާނެކަމަށް ބެލެވޭތީއެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް 26 މިލިއަނަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވުވެފައެވެ. މިއީ މުޅި ދުނިޔެއަށް ބަލާނަމަ ދެވަނައަށް އެންމެ ގިނަ އަދަދެވެ. އިންޑިއާއަށްވުރެ އިތުރަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެ ލިސްޓުގެ އެއްވަނައިގައި އުޅެނީ އެމެރިކާއެވެ. މިހެންނަމަވެސް މިވަގުތު މުޅިދުނިޔެއިން ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމަކީ އިންޑިއާކަން ފާހަގަ ކޮށްލެވެއެވެ.
ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމުތަކުގެ ލިސްޓައް ބަލާނަމަ މި ލިސްޓުން އިންޑިއާއަށް ލިބެނީ ތިންވަނައެވެ. އިންޑިއާއަށްވުރެ މި ލިސްޓުގައި ކުރީގައި އުޅޭ ދެގައުމަކީ އެމެރިކާއާއި ބުރެޒިލްއެވެ.
އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރަމުންދާއިރު އެގައުމުގެ ސިއްހީ ނިޒާމަށް މި ރާޅުގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. މީގެ ސަބަބުން ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުންވެސް ގިނަ ބަޔަކު މަރުވެފައި ވެއެވެ.
އިންޑިއާއިން މުޅި ޖުމްލަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ ފާއިތުވެދިޔަ ތިންމަސްދުވަހުގެ ތެރޭގައެވެ.




