ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ 10 ވަނަ މަރު، އަދަދު 139 އަކަށް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ކޮވިޑުގައި މިއަދު އިތުރު މީހަކު މަރުވެފައިވާކަން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ހާމަކޮށްފައިވާއިރު، ވިދާޅުވީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނެއްކަމަށެވެ.

އެމީހާ މަރުވެފައިވަނީ މިރޭ 07:53 ގައެވެ. އެއާކު ރާއްޖޭގައި މިއަދު ކޮވިޑުގެ 10 މަރު މިވަނީ ރެކޯޑު ކުރެވިފައެވެ.

މިފަހަކަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މި މަހަކީ ރިކޯޑް އަދަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަހު މިހާތަނަށް 66 މީހަކު ނިޔާވެފައިވަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަދު ފުރަތަމަ މަރެއް ރެކޯޑްކުރީ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި 3:18 ގައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާއިރު، ފަތިހު 4:25 ގައި 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ނިޔާވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ ނިޔާވެފައެވެ.

މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ މެންދުރު 2:50 ގައެވެ. މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކުވަނީ މިރޭ 06:48 ގައި ނިޔާވެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 139 އަކަށް މިހާރު އަރާފައިވާއިރު، އެއީ މި ދިޔަ އަހަރު ނިޔާވި 51 މީހަކާއި މި އަހަރުތެރޭ ނިޔާވި 88 މީހެކެވެ. އަދި ރާއްޖެއިން މި ބަލީގައި 123 ދިވެއްސަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ