ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލާ ސަރަހައްދު - ފޮޓޯ: އަދަދު

ކޮވިޑް-19: 24 ގަޑިއިރުތެރޭ 14 މަރު، އަދަދު 142 އަށް!

ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު ނިޔާވެ، ކޮވިޑް-19 ގައި މިއަދު ނިޔާވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 83 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 10:20 ގައި ނިޔާވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ 11:27 ގައި ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ހަމައެއާއުކު މިރޭ 11:30 ގައިވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ އިތުރު މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ 58 އަހަރުގެ ދިވެހި ފިރެހެނެކެވެ.

ކޮވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މިއަދު 14 މީހުން ނިޔާވެފައިވާއިރު މިއީ މިބަލީގައި މިހާތަނަށް އެއްދުވަހުގެ ތެރޭ މިހާ ގިނައަދަދެއްގެ މީހުން ނިޔާވި ފުރަތަމަ ދުވަހެވެ. މިއަދު މިބަލީގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 11 މީހަކާއި ޅ.ހިންނަވަރު ސިއްޙީ މަރުކަޒްގައި ފަރުވާދެމުންދިޔަ މީހަކާއި އައިޖީއެމްއެޗް ސްޕިޓަލްގައި ފަރުވާދެމުން ދިޔަ މީހެއްގެއިތުރުން އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 142 މީހަކު ރާއްޖެއިން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 126 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 57،341 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 33،136 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،057 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 282 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
111211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ