މިދިޔަ ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން ކޯމާއެއްގައި އޮންނެވި، ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޑރ.ފަރުޒާނާ ޚާތޫން ނިޔާވެއްޖެއެވެ.
ކަރުންމަތީގެ މަޝްހޫރު ޑރ.މުހައްމަދު ވަހީދުގެ އަނބިކަނބަލުން، ފަރުޒާނާ ނިޔާވީ އިނގިރޭސިވިލާތުގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ފަރުޒާނާ އަކީ ޕާކިސްތާނަށް އުފަން ބޭކަނބަލެކެވެ. ރާއްޖެއަށް އޭނާ ފުރަތަމަ ވަޑައިގެންނެވީ ތެލެސީމިއާ ސެންޓަރުގެ ވަޒީފާއަކަށެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ވަޒީފާ އިން ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގަ އެވެ.
ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ފުރުމާއި ގުޅިގެން 2002 އޮކްޓޯބަރ 31 ގައި ސަރުކާރުން ވަނީ އޭނާ އަށް ޕެންޝަން ދެއްވާފައެވެ. ރިޓަޔާ ކުރެއްވުމަށް ފަހު ފަރުޒާނާ އިނގިރޭސި ވިލާތުގައި ދިރިއުޅުއްވި ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ ރަމަޟާން މަހު އެވެ.



