ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 55 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި މައްޗަންގޯޅީގެ ގެއެއްގެ ކޮޓަރިއެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 51 ފުޅި ފެނުމާއި ގުޅިގެން،" ފުލުހުން ވިދާޅުވިއެވެ.
މާލެއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކުރިއިރު، މާލޭގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ޖޫން 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް 2 އިތުރު ދެމީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



