ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ކޮވިޑް ބަލިމީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެެއްޖެއެވެ.

މި ވީޑިއޯގައި ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އެތަނުގައި ހުރި ފިރިހެނަކު އަނިޔާ ކުރާ މަންޒަރު ފެނިގެން ދެއެވެ. އެމީހާއަށް އަނިޔާ ކޮށްފައިވަނީ އޭނާގެ އެހީތެރިޔާގެ ގޮތުގައި ހުރި ބިދޭސީއެކެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމު ވުމާއެކު ގިނަ ބަޔަކު އަންނަނީ އަނިޔާ ކުރި މީހާ އަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔާ ޖަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށާއި، އަދި އެމައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށައެޅިފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީންކަމަށާއި، އަދި މި މައްސަލައާއި ގުޅިގެން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެޑްމިޓް ކޮށްފައި އޮތް އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއްގެ ގައިގައި އެނާގެ އެހީތެރިޔާގެ ގޮތުގައި އެތަނުގައި ހުރި ޒުވާން ފިރިހެނަކު އެއް އަތް ހިފެހެއްޓުމަށްފަހު ވަރަށް ބާރަށް ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އޭނާގެ ގައިގައި ޖެހުމާއެކު ބަލި މީހާ ވަރަށް ބާރަށް ރޯންފަށައެވެ. އަދި ބަލި މީހާ ދެ އަތް މައްޗަށް ނަގާ ތަޅުވާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ.

އޭގެ ފަހުން ދެން ފެންނަނީ އެހީތެރިޔާގެ ގޮތުގައި ހުރި މީހާ އެތާކައިރީ ހުރި ވީލްޗެއަރ އެއް ކައިރިޔަށް ގޮސް އަނެއްކާ ބަލި މީހާއާއި ދިމާލަށް އިނގިލި ދިއްކޮށް އޭނާގެ ގާތަށް ގޮސް ކޮންމެވެސް އެއްޗެއް ކިޔާ މަންޒަރެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ