ރާއްޖެއަށް ފުރަތަމަ ފަހަރަށް "އީ-ސިމް" ގެ ޚިދުމަތް އުރީދޫއިން ތަޢާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް "އީ-ސިމް" ގެ ޚިދުމަތް އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ. 

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ. 

ރާއްޖެއަށް ފުރަތަމަ ފަހަރަށް ތަޢާރަފްކުރި އިލެކްޓްރޯނިކް ސިމް ނުވަތަ އީ-ސިމްގެ ޓެކްނޮލޮޖީއަކީ ސްމާޓްފޯނަށް ޑިޖިޓަލްކޮށް އަޅާލެވޭ ސިމެކެވެ. މި އިލެކްޓްރޯނިކް ސިމް މެދުވެރިކޮށް ކޮންމެ ފޯނެއްގައި ވެސް 9 ނަމްބަރު ބޭނުންކޮށްލެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށާއި ދަތުރުފަތުރުކޮށް އުޅޭ ފަރާތްތަކަށް ވަރަށް ފަސޭހަ ޚިދުމަތަކަށް ވެގެންދާނެކަމަށެވެ. 

އިލެކްޓްރޯނިކް ސިމް ކާޑު ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ދުނިޔެއަށް އަލަށް ތަޢާރަފްވާ އައު އީޖާތުތަކާއި ޓެކްނޮލޮޖީތައް އުރީދޫގެ ކަސްޓަމަރުންނާއި ހަމައަށް ގެނައުމަކީ އުރީދޫގެ އަބަދުވެސް އަމާޒެއްކަމަށެވެ. އެހެންކަމުން، މި ޚިދުމަތާއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބި ޑިޖިޓަލް ރާއްޖެއަކަށް މިޤައުމު ހެދުމަށް އުރީދޫއިން ހިފާފައިވާ އަމާޒަށް ވާސިލްވެގެންދާނެކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް ޚާއްޞަ އިސްކަމެއްދީ، އުރީދޫ އިން އަބަދުވެސް ވަނީ އިސް ދައުރެއް އަދާކޮށްފައި. މިގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމްގެ ޚިދުމަތް ބޭނުންކުރުމަށް އުރީދޫގެ ކަސްޓަމަރުންނަށް ފުރުސަތުދީ، އެންމެ ފޯނެއްގައި އެތައް ނަންބަރުތަކެއް ބޭނުންކޮށްލުމުގެ ފަސޭހަ ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ނަޖީބް ޚާން ވިދާޅުވިއެވެ. 

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއްކަމަށާއި، އަލަށް ތަޢާރަފްކުރެވުނު އީ-ސިމްއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އުރީދޫއިން އިލެކްޓްރޯނިކް ސިމް ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު މި ޚިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓު ޕްލޭން ޚިޔާރުކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އެހެންނަމަވެސް މި ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައި އެކަނިކަމަށް އުރީދޫއިން ބުނެއެވެ. މީގެތެރޭގައި، އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އަދި ގޫގުލް ޕިކްސެލް 3 ހިމެނެއެވެ.

އާދައިގެ ސިމް ކާޑެކޭ އެއް އަގެއްގައި އަދި އެއް ފީޗަރތަކާއެކު އެކުލެވިފައިވާ މި ސިމްގެ ޚިދުމަތް ހޯދުމަށް އުރީދޫގެ ވެބްސައިޓުގައިވާ އީ-ސިމް ޕޭޖަށް ޒިޔާރާތްކޮށް، ރަޖިސްޓްރީކުރުމާއެކު އީ-ސިމް އެކްޓިވޭޓުކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ