ފުއްޕާހަމަށް ހީލިއަމް އަޅައި ކުއްތާއެއް އުދުއްސި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ގައުރަވް ޝަރްމާ އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވަނީ، އޭނާ ޕެޓެއްގެ ގޮތުގައި ގެންގުޅޭ ކުއްތާއެއް ހީލިއަމް އަޅައިފައިވާ ހަންތަކެއްގައި އައްސައި އުދުއްސި ވީޑިއޯއެއް ޔޫޓިއުބުގައި އާންމު ކުރުމާއި ގުޅިގެންނެވެ.
މި ވީޑިއޯއިން ފެއްނަނީ ހީލިއަމް އަޅައިފައިވާ ގިނަ އަދަދެއްގެ ފުއްޕާހަން ކުއްތާއެއްގެ ގައިގައި އައްސާތަނެވެ. ފުއްޕާހަންތައް އައްސައި ދޫކޮށްލުމުން ކުއްތާ މައްޗަށް އަރައިގެން ދެއެވެ. އަދި މިކުއްތާ ހިފަނީ އިމާރާތެއްގެ ދެވަނަބުރީގައި ހުންނަ މީހެކެވެ. ވީޑިއޯ ޔޫޓިއުބުގައި އާންމު ކުރުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން މިހާރު މި ވީޑިއޯވަނީ ނަގައިފައެވެ.
ވީޑިއޯ ޔޫޓިއުބުން ނެގުމަށްފަހު ޝަރުމާ ބުނެފައިވަނީ އެ ވީޑިއޯ ހެދުމުގައި ސަލާމަތީ ހުރިހާ ކަމަކަށް ބަލައިފައިވާނޭ ކަމަށެވެ. ޝަރުމާ ވީޑިއޯ އާންމުކުރި ޔޫޓިއުބު ޗެނަލުގައި ހަތަރު މިލިއަނަށްވުރެ ގިނަ ފުލޯވަރުން ހުރެއެވެ.
އިންޑިއާ ފުލުހުން ބުނީ ޝަރުމާ ހައްޔަރުކޮށްފައިވަނީ ދިރޭތަކެތީގެ ވެލްފެއާ އޮރގަނައިޒޭޝަނެއް ކަމަށްވާ ޕީޕަލް ފޯރ އެނިމަލްސް އިން ކުރި ޝަކުވާއަކާއި ގުޅިގެން ކަމަށެވެ.