އިންޑިއާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާއިމެދު ޓުވިޓާއިން ކަންބޮޑުވުން ފާޅުކޮށްފި

އިންޑިއާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާއިމެދު މީސްމީޑިއާ ޓުވިޓާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓުވިޓާއިން މި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އިންޑިއާގެ ފުލުހުން އެގައުމުގައި ހުންނަ ޓުވިޓާ އޮފީހަށް ވަދެފައި ވަނިކޮށެވެ. ފުލުހުން ބުނީ ޓުވިޓާ އޮފީހަށް ފުލުހުން ގޮސްފައިވަނީ ނޯޓިސްއެއް ހަވާލުކުރުމަށް ޓަކައި ކަމަށެވެ.

މި ނޯޓިސްއަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭބީ)ގެ ތަރުޖަމާން ސަމްބިތް ޕަތްރާ ކުރި ޓުވީޓެއް "މެނިޕުލޭޓެޑް މީޑިއާ"ގެ ލޭބަލް ޓުވިޓާއިން އެޅުވުމާއި ގުޅިގެން ފުލުހުން ޓުވިޓާއަށް ދިން ނޯޓިސްއެކެވެ. ޓުވިޓާއިން "މެނިޕުލޭޓެޑް މީޑިއާ"ގެ ލޭބަލް އަޅުވަނީ، އެ ޓުވީޓު ކުރި މީޑިއާ (ވީޑިއޯ، އޯޑިއޯ، އަދި ފޮޓޯ)އަކީ ހަގީގަތާއި ހިލާފު އެއްޗެއް ކަމަށް ދެއްކުމަށްޓަކައެވެ.

ޓުވިޓާ އަށް އިންޑިއާ ފުލުހުން ނޯޓިސްއެއް ހަވާލުކޮށްފައި މިވަނީ، އިންޑިއާ ސަރުކާރައި ޑިޖިޓަލް ކުންފުނިތަކާއިމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި ހީނަރުކަން އައިސްފައިވަނީ ޑިޖިޓަލް ކުންފުނިތަކުގެ ކޮންޓެންޓްތައް ރެގިއުލޭޓުކުރުމަށް އިންޑިއާ ސަރުކާރުން އެކުލަވާލި ގަވާއިދުތަކާއި ގުޅިގެންނެވެ.

މި ގަވާއިދު ބުނާގޮތުން، ފަސްމިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މީސްމީޑިއާ ވެބްސައިޓުތަކުން ކޮމްޕްލެއަންސް އޮފިސަރަކާއި، އަދި ނޮޑަލް ކޮންޓެކްޓް އޮފިސަރެއް ބަހައްޓަން ޖެހެއެވެ. މީގެއިތުރުން ކޯޓުން ނުވަތަ ސަރުކާރުން ވަކި މެސެޖެއްގެ މަސްދަރު ނުވަތަ އެ މެސެޖެއް ކުރި ފަރާތެއް ހާމަކުރަން އެދިއްޖެނަމަ އެ ފަރާތެއްގެ މައުލޫމާތު ހާމަކުރަން ޖެހެއެވެ.

މި ގަވާއިދު އެކުލަވާލައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އަދި މި ގަވާއިދަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ތިންމަސްދުވަހަށް ފަހުއެވެ. މީސްމީޑިއާ ވެބްސައިޓުތަކުންނާއި މެސެޖިން އެޕްލިކޭޝަންތަކުން އައްނަނީ މި ގަވާއިދާއި ގުޅިގެން ކަނބޮޑުވުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ