ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްފައިވާ 54 އަހަރުގެ ދިވެހި ފިރެހެނަކު ރޭ ދަންވަރު 02:15 ގައި ނިޔާވެފައިވާ ކަމަށެވެ.
މީގެ އިތުރުން ނިޔާވެފައިވަނީ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ 47 އަހަރުގެ ދިވެހި ފިރެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު ފަތިހު 05:55 ހާއިރުއެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މަރުވާ މީހުންގެ ނިސްބަތް ފަހަކަށް އައިސް އިތުރުވެފައިވާއިރު، މިހާތަނަށް 153 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 60،943 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 35،365 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 25،419 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 270 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




