ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ކުރިއަށްދިޔަ ޕާލަމެންޓް ބައްދަލުވުމެއްގައި ބައިވެރިވެހުރެ ކުޑަކަމުދިޔަ ކެނެޑާގެ އެމްޕީއެއް އެކަމަށް މާފަށް އެދެފިއެވެ.
ވީޑިއޯ ކޯލުގައި ހުރެ ކުޑަކަމުދިޔަ އެމްޕީއަކީ ވިލިއަމް އަމޮސްއެވެ. މިއީ އަމޮސްގެ މިފަދަ ދެވަނަ ހާދިސާއެވެ. މިގޮތުން މިދިޔަމަހު އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ކުރިއަށްދިޔަ ބައްދަލުވުމެއްގައިވަނީ ލައިގެންހުރި އެއްޗެހިވެސް ބަދަލުކޮށްފައެވެ.
ކުޑަކަމުދިޔަ މައްސަލައިގައި އަމޮސް ބުނެފައިވަނީ، އޭނާގެ މި އަމަލާމެދު ނުހަނު ލަދުވެތިވާ ކަމަށާއި އަދި މިމަންޒަރު ފެނުމުގެ ސަބަބުން ބުރައުފުއްލަންޖެހުނު އެންމެހާ ފަރާތްތަކުގެ ކިބައިން މާފަށް އެދޭކަމަށެވެ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން އަމޮސްބުނީ މިއީ ގަސްތުގައި ކުރިކަމެއް ނޫންކަމަށެވެ.
އަމޮސްއަކީ ކެނެޑާގެ ރައީސް ޖަސްޓިން ޓުރޫޑް ނިސްބަތްވާ ލިބަރަލް ޕާޓީގެ ޕާލަމެންޓް މެންބަރެކެވެ. މިހާދިސާ ފެންމަތިވުމާއި ގުޅިގެން އަމޮސްވަނީ ބަޔެއް ޒިންމާތަކުން އަމިއްލައަށް އެކަހެރި ވެފައެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދީފައެއް ނުވެއެވެ.
2015 ވަނަ އަހަރުން ފެށިގެން އަމޮސްއަކީ ޕާލަމެންޓް މެންބަރެކެވެ.




