މީން އަހަރަކު ހޫނުމިން މައްޗަށް ނުދާވަރަށް ކެނެޑާގައި ހޫނުމިން މައްޗަށް ދިއުމާއެކު އެތައްސަތޭކަ މީހުން މަރުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ވެންކޯވާ ސަރަހައްދުން 130 ވުރެ ގިނަ ކުއްލިމަރުތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަރުވި ގިނަ މީހުންނަކީ އުމުރުން ދުވަސްވެ އެހެނިހެން ތަފާތު ސިއްހީ މައްސަލަތައްވެސް ހުންނަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޖެހިޖެހިގެން ތިންދުވަސްމަތިން ރެކޯޑު އަދަދަކަށް ކެނެޑާގެ ހޫނުމިން މަތިވެގެން ގޮސްފައިވާއިރު އިއްޔެގައި ހޫނުމިން އުޅެނީ 49.6 ސެލްސިއަސްގައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މޫސުމަށް އައްނަ ބަދަލުތަކުގެ ސަބަބުން މޫސުމީ މިފަދަ ހާލަތްތައް ކުރިމަތިވެގެންދާނެއެވެ. ނަމަވެސް މިފަދަ އެއް ހާދިސާއާއި ދުނިޔެ ހޫނުވުމާއި ގުޅުވުން ދަތިކަމަށްވެސް މިބޭފުޅުން ފާހަގަ ކުރައްވައެވެ.
އެމެރިކާއަށްވެސް ވަނީ ކެނެޑާއެކޭ އެއްފަދައިން ހޫނުވުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. ހޫނުވުމުގެ ސަބަބުން ފުރާނައަށް ގެއްލުން ލިބެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ގިނަގޭގޭގައި ފިނިކުރާނެ އާލާތްތައް ނެތުން ހިމެނެއެވެ. މިގޮތުން ބުރިޓިޝް ކޮލަމްބިއާގެ ގިނަ ގެތަކުގައި އެއާކޮންޑިޝަނިން ނުހުރެއެވެ. މިސަރަހައްދުގައި އާންމުކޮށް ހޫނުމިން އެހާމައްޗަށް ނުދާކަމަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ހާމަކުރެއެވެ.
ހޫނުމިނަށް މިއައި ކުއްލި ބަދަލާއެކު ގިނަ ބަޔަކު މިހާރުވަނީ އެއާކޮންޑިޝަނިން ހުންނަ ހޮޓާތަކަށް ވަގުތީގޮތުން ދިރިއުޅުން ބަދަލުކުރަން ފަށައިފައެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން އިތުރު ފުރާނަތަކެއް ގެއްލުން އެކަށީގެން ވެއެވެ.



