ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ކަންކަން އިސްލާޙު ކުރުމަށް އެމްއާރުއެމްއިން ގޮވާލައިފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ކަންކަން އިސްލާޙު ކުރުމަށް މޯލްޑިވިސް ރިފޯމް މޯވްމެންޓް (އެމްއާރުއެމް) އިން ގޮވާލައިފިއެވެ.

އެމްއާރުއެމްއިން ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީއާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ރައްޔިތުން ނުހަނު ކަންބޮޑުކުރުވަނިވި ކަކަންކަމަށާއި، އެ ކަންކަން އަވަހަށް އިސްލާހުކޮށް ފެސިލިޓީގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގޮވާލާކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެޗްއާރުސީއެމްގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އެ ފެސިލިޓީއަށް ޒިޔާރަތްކޮށްފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމް އިން އެ ތަނަށް ޒިޔާރަތް ކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތް ކުރުވާ ކަމަށާއި، އެހާ ގިނަ އިރު މަސައްކަތް ކުރުވާފައި އެމުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަކީ ކޮވިޑް-19ގެ ބަލިމަޑު ކަމަށް ޕޮޒިޓިވް ވާ މީހުން އެޑްމިޓްކޮށްގެން ސިއްހީ ގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ގާއިމު ކޮށްފައިވާ ތަނަކަށް ވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދަށާއި، ބަލިމީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުކަންވެސް އެޗްއާރްސީއެމުންވަނީ ފާހަގަކޮށްފައެވެ.

ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަހައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ހުޅުމާލެ ފެސިލިޓީއާ ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިޔާގައި ވެސް ފާހަގަކުރަމުންދާ އިރު މިހާތަނަށް ކޮވިޑް ޖެހިގެން އެންމެ ގިނަމީހުން ނިޔާވީ ވެސް އެފެސިލިޓީން ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ