ކ. ހިންމަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އިން މައްޗަށް އަރައިފިއެވެ.
ހިންމަފުށީ ހެލްތު ސެންޓަރުން މިއަދު އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އެރަށުން އިތުރު 74 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު އިތުރުވި މިކޭސްތަކާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 643 އަކަށް އަރާފައިވާކަމަށް މިއަދުގެ 17:00 އާއި ހަމައަށް ނެރެފައިވާ މިތަފާސް ހިސާބުގައި ބުނެފައިވެއެވެ.
އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 346 ކޭސް އެރަށުގައި ހުރިއިރު، 295 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެރަށުން ދެމީހަކުވަނީ ނިޔާވެފައެވެ.

ހިންމަފުށީގައި މިވަގުތު ހުރި އެކްޓިވް ކޭސްގެ ތެރޭގައި އެރަށު ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) އިން ޕޮޒިޓިވްވެފައިވާ 31 މީހަކާއި، އައްސޭރި ޖަލުން ޕޮޒިޓިވްވެފައިވާ 80 މީހަކު ހިމެނެއެވެ. މީގެއިތުރުން އެރަށުގެ ބައެއް ސައިޓްތަކުގައާއި ގިނަ ގޭގޭގައިވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ. އެގޮތުން އެއްގެއިން 10 މީހުން ޕޮޒިޓިވްވެފައިވާ ބައެއް ގޭގެ ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 73 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.




ހިޔާލު
ހުސް ބުހުތާނު ދޮގު. ހާލު ބަލާލަން އެތަނަށް ވަދެވެސް ނުލާ. ޑޮކްޓަރަށް ދައްކަން އާދޭސް ކޮށް ކޮށް ވަރުބަލިވެގެން ޑޮކްޓަރަށް ދެއްކެނީއަކީ ނޫން. ވަރަށް ހާލުގަ ގައިދީން އުޅެނީ. ހަތަރެސް ފައި ބަނދެފައި ތިބޭ ކުކުޅުތަކެއްހެން ޓްރީޓްކުރަނީ. ގައިދީން ނޭވާލާން އުދަގޫވެގެން ބުންޏަސް އަޅާލަނީ އަކީ ނޫން. ކާންދެނީވެސް އެހާ ދަށް ފެންވަރުދަށް އެއްޗެހި.