އައްޑު ސިޓީ އަށް އުދަ އަރަނީ | ފޮޓޯ: އައްޑޫ ލައިވް

އުދަ އަރާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް މިރޭވެސް ޔެލޯ އެލާރޓް ނެރެފި

ކަނޑުތަށް ގަދަވެ އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިރޭވސް ޔެލޯ އެލާރޓް ނެރެފިއެވެ.

މިއެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ.

މެޓް އޮފީހުން މިރޭގެ 22:00 އިން ދަންވަރު 02:00 އަށް ނެރެފަައިވާ، މި ޔެލޯ އެލާރޓްގައި ބުނެފައިވަނީ، އެލާރޓް ނެރެފައިވާ ސަރަޙައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އުދަ އަރާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިރޭ އެލާރޓް ނެރެފައިވާއިރު، ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި 4 ރަށަކަށް އުދައަރާފައިވާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިއަދު ކުރި ވިއްސާރައިގައި ރ. މަޑުއްވަރީއަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. އަދި ކ. ތުލުސްދޫއަށް އުދަ އަރާ މީހުން ދިރިއުޅޭ ބައެއް ގެތަކަށްވެސް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. އެގޮތުން ތުލުސްދޫއިން މީހުން ދިރިއުޅޭ 5 ގެއަކަށް ލޮނުގެ އަސަރުކޮށްފައިވާއިރު، ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ ވިއްސާރައިގައި ކ. ދިއްފުއްޓަށްވެސް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. އެގޮތުން އެރަށުގެ ސްކޫލް ފަދަ އިމާރާތްތަކާއި ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވެއެވެ. ދިއްފުއްޓަށް އުދައިގެ އެރުމާއި ގުޅިގެން ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖަހައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

މ. މަޑުއްވަރީއަށްވެސް މިއަދު ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެރަށަށް އުދައެރުމާއި ގުޅިގެން ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ވެލި ބަސްތާ ޖަހައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބަައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

"އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން  ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވޭ." މެޓް އޮފީހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ