ކ.ހިންމަފުށިން އިތުރު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހިންމަފުށީ ހެލްތު ސެންޓަރުން މިއަދު އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އެރަށުން އިތުރު 74 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދު އިތުރުވި މިކޭސްތަކާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 676 އަކަށް އަރާފައިވާކަމަށް މިރޭގެ 20:40 އާއި ހަމައަށް ނެރެފައިވާ މިތަފާސް ހިސާބުގައި ބުނެފައިވެއެވެ.
ހިންމަފުށީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 360 ކޭސް ހުރިއިރު، 314 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެރަށުން ދެމީހަކުވަނީ ނިޔާވެފައެވެ.

ހިންމަފުށީގައި މިވަގުތު ހުރި އެކްޓިވް ކޭސްގެ ތެރޭގައި އެރަށު ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) އިން ޕޮޒިޓިވްވެފައިވާ 25 މީހަކާއި، އައްސޭރި ޖަލުން ޕޮޒިޓިވްވެފައިވާ 95 މީހަކު ހިމެނެއެވެ. މީގެއިތުރުން އެރަށުގެ ބައެއް ސައިޓްތަކުގައާއި ގިނަ ގޭގޭގައިވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ. އެގޮތުން އެއްގެއިން 10 މީހުން ޕޮޒިޓިވްވެފައިވާ ބައެއް ގޭގެ ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 72 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.




