ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގައި ޒުވާނުންނަށްވެސް މި ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު މިހާރު އެބެއްކަމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ. މޫސާ ޙުސައިން ވިދާޅުވީ އެންމެ ފުރަތަމަ ކޯވިޑް-19 ފާޅުވިއިރު ބަލީގައި ބޮޑުވަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންކަމުގައި ވީނަމަވެސް، ވައިރަސްއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޒުވާން އުމުރުގެ މީހުންނަށްވެސް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު މިހާރު އެބައޮތްކަމަށެވެ.
"ފުރަތަމަ ފަށައިގެން އައިއިރު ބޮޑަށް މި ފެނުނީ މީގެ ހައިރިސްކް ހަކުރު ބަލި، ކިޑްނީ ބަލި ހުރުން ކެންސަރު އަދި ފުއްޕާމޭގެ ބަލި ފަދަ ބަލިތައް ހުންނަ މީހުންނަށް ބޮޑުވަރުވެގެން މިދިޔައީ" ޑރ. މޫސާ ހުސައިން ވިދާޅުވިއެވެ.
ރާއްޖެގައި ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކޮންމެ ދުވަހަކު މި ބައްޔަށް ހާހެއްހާ މީހުން ޕޮޒިޓިވްވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ކުރިޔާއަޅާ ބަލާއިރު އެތައްތަނެއް އިތުރުވެފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައި ވީނަމަވެސް ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަށަށް ގޮސްފައެއްނުވެއެވެ.
މިހާތަނަށް މިބައްޔަށް ރާއްޖެއިން 62،906 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 158 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.




