މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާރކިން ޒޯންގެ ފާރުގައި ކުރަހައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާރކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް އެތަނުގެ ފާރުގައި ކުރެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށާއި، ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
އެގޮތުން މިބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ. އަދި ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.
Bodugey parking hedhumuge masakkathuga MCC ge muvazzafun pic.twitter.com/aiaFnEAV90
— Male' City Council (@MaleCitymv) May 29, 2021
އަދި ބުނީ، މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައިކަމަށެވެ.
މީގެއިތުރުން އެކައުންސިލުން ބުނީ، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށާއި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެކަމަށްވެސްވަނީ ބުނެފައެވެ.
އަދި ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް މާލޭ ސިޓީ ކައުންސިލުގެ އިޢުލާނުގައިވެއެވެ.




