ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވެސް ހާހުން ދަށުގައި

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 768 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ހާހަކަށްވުރެ މަތީގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު މިހާރު ތިރިވާންފަށާއިވާއިރު، އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 710 މީހުންނެވެ. އަދި އޭގެކުރިން ދުވަހު ޕޮޒިޓިވްވީ 780 މީހުންނެވެ.

އެޗްޕީއޭ އިން މިއަދު ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މުޅި ޖުމްލަ 5،686 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 768 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 373 މީހުން، އަތޮޅުތެރޭ ރައްތަކުން 357 މީހުން، ރިސޯޓުތަކުން 15 މީހުންނެވެ.

 

ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 65،164 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 40،951 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،035 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 208 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

އަދި މިބަލީގައި ރާއްޖެއިން 169 މީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ