ކުރިނބީ ރައްޔިތުން ފަލަސްތީނަށް ދޮޅުލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކުރަނީ!

ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހދ. ކުރިނބީގައި ރައްޔިތުން "ވަރުގަދަ" ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ނަމޫނާ ދައްކައިފިއެވެ.

މިދިޔަ މެއި 28 ވީ ހުކުރު ދުވަހު ފެށި ހަރަކާތް އިއްޔެގެ ނިޔަލަށް ނިންމާލާފައިވާއިރު، ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް ވިދާޅުވީ، މިއީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށްޓަކައީ އެ ކައުންސިލުން އިސްނަގައިގެން، ރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި، ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ އިތުރުން ރަަށުގެ ރައްޔިތުންނާއި ގުޅިގެން ހިންގުނު ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.

ރޭގެ ނިޔަލަށް ހަރަކާތް ނިންމާލިއިރު، 700 އެއްހާ މީހުން ނިސްބަތްވާ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީން މި ހަރަކާތަށް 160،500ރ (އެއްލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) އަދި 260 (ދުއިސައްތަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މި ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ "ލޯތްބާއިއެކު 2021" ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުން އިސްނަގައިގެން ރަށުގެ މުއައްސާތަކުން ލީޑަރުންތަކެއް ނަގައިގެން ގުޅިގެން ހިންގާ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. އެއާއެކު ޓީމުތަކުން ނެރުނު ނަތީޖާވެސް ކާމިޔާބުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރިނބީ ސްކޫލްގެ މުވައްޒަފުން 30،000ރ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރިނބީ ބްރާންޗުގެ މުވައްޒަފުން 3000ރ، އަދި ކުރިނބީ ހެލްތު ސެންޓަރުތަގެ މުވައްޒަފުންގެ ފަރާތުން 5210ރ މި ހަރަކާތަށް ހަދިޔާކޮށްފައިވާއިރު، ފަލަސްތީނުގެ ދިދަ ޓެގް ވިއްކައިގެން 3075ރ ލިބިފައިވެއެވެ.

މީގެ އިތުރުން ހުކުރު ދުވަހު ރަށުގެ ހުކުރު މިސްކިތުގަޔާއި، ރަސްމީ ދުވަސްތަކުގައި ރަށު ކައުންސިލްގެ އިދާރާގައި އަދި ބައެއް ވަގުތުތަކުގައި ކުރިނބީ ސްކޫލްގެ ގޭޓް ކައިރީގައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން ރަށު ޕިކަޕެއްގައި ރަށުގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި އެނައުންސްމެންޓްތަކާއެކު ފަންޑުރައިސް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ހަމަ އެއާއެކު ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ފޯނުން ގުޅައި މި ހަރަކާތުގެ މަޢުލޫމާތު ހިއްސާކޮށް ޓްރާންސްފަރ ކޮށްގެން ފައިސާ ހަދިޔާކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

މި ހަރަކާތާއި ގުޅޭ އިތުރު ތަފްސީލު ހިއްސާކުރައްވަމުން ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް ވިދާޅުވީ، މިފަހަރުގެ މި ހަރަކާތުގެ ވަގުތަކީ ކޮވިޑް-19 ގެ ދަތި ހާލަތެއްކަމުން މީގެ ކުރިން ހިންގާފައިވާ ކާބޯތަކެތީގެ މައުރަޒާއި، މަސައްކަތު ދުވަސް ފާހަގަކުރުންފަދަ ހަރަކާތްތައް ހިންގަން ދަތިވުމާއެކު، ތަފާތު ގޮތަކަށް ހަރަކާތް ކުރިއަށް ގެންދިޔައީ ކަމަށާއި، އުއްމީދުކުރި ވަރަށްވުރެވެސް ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށެވެ.

"މިހާކުޑަ އާބާދީއަކުން މިހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރަށުގެ މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ރަށުގެ ރައްޔިތުން ގުޅިގެން ކުރެވުނު މިންނެތް މަސައްކަތުގެ ސަބަބުން. މުއައްސަސާތަކުން ކަނޑައެޅި މަންދޫބުން ކޮށްދެއްވި ބުރަ މަސައްކަތް އުފަލާއެކުގައި ފާހަގަކުރަން. ރަށުގެ ރައްޔިތުން މި ހަރަކާތަށް ބެހެއްޓެވި ޝައުގުވެރިކަމާއި ވެދެއްވި ދީލަތި އެހީތެރިކަމަށް ރަށު ކައުންސިލުގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން." ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވިއެވެ.

ކުރިނބީއަކީ ޞިއްޙީ ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަަށާއި، އެހެނިހެން ކަންކަމަށް އެހީތެރިވުމުގެ ގޮތުން މީގެ ކުރިންވެސް ނުހަނު ފާހަގަކޮށްލެވޭ ހަރަކާތްތަކެއް ހިންގާފައިވާ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. 700 އެއްހާ ރައްޔިތުން ނިސްބަތްވާ އެ ރަށުން ދެއްކި ނަމޫނާއަށް ލޯތްބާއި ޝުކުރު ހައްޤެވެ.

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ