ހުއްދަ ނުނަގައި ހަނިމާދޫއަށް އެރި މީހަކު ފޮނުވާލަނީ

ހުއްދަ ނުނަގައި ހދ. ހަނިމާދޫއަށް ދަތުރުކުރި މީހަކު އަނބުރާ ފޮނުވާލަށް ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އޭނާ އެރަށަށް އައިސްފައި ވަނީ ށ. ކޮމަންޑޫއިން ކަމަށާއި، އެރަށަށް އެރި ނަމަވެސް ހަނިމާދޫ ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނަގާފައި ނުވާކަމަށެވެ.

ހުއްދަ ނުނަގައި އައި ފަރާތަކީ ކޮމަންޑޫ ރައްޔިތެއްކަމުން ކޮމަންޑޫ ކައުންސިލަށް އެކަމުގައި ގުޅުމުން އެރަށުން އޭނާ ހަނިމާދޫއަށް އެރުމަށް ހުއްދައަށް އެދި ފޮނުވާފައިވާކަމަށާއި، ނަމަވެސް ހުއްދައަށް ފޮނުވި އިރުވެސް ފޮނުވާފައި ވަނީ އޭނާ އައި ޑިންގީގެ ފަޅުވެރިއެއްގެ ގޮތުގައި އެރަށަށް އަންނަ މީހެއްގެ ގޮތުގައި ކަމަށް ފިރާޤު ވަނީ ވިދާޅުވެފައެވެ.

ފިރާޤް ވިދާޅުވި ގޮތުގައި ކޮމަންޑޫ ކައުންސިލުން ހުއްދައަށް އެދި ފޮނުވާފައި ވަނީ އޭނާ އެރަށަށް އަރާ އެ މައްސަލަ ބޮޑުވި ފަހުންކަމަށާއި ހުއްދައަށް އެދެންޖެހޭނީ ރަށަށް އެރުމުގެ ކުރިން ކަމަށާއި އަދި އެކަމުގައި ކޮމަންޑޫ ކައުންސިލުންގެ އިހުމާލު އޮތްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ އެރަށަށް އައިސްފައިވަނީ ފަރުވާއަށް ކަމަށް ޖަހާފައި އޮތް ނަމަވެސް އެއީ ޞިއްޙީ ފަރުވާކަމެއް ނުވަތަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާހޯދަން ކަމަށް ބަޔާންކޮށްފައި ނުވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ދެ މުއައްސަސާއަށްވެސް ގުޅާފައިވާކަމަށާއި ނަމަވެސް އެއިން އެއްވެސް ތަނަކަށްވެސް އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމުގައި ފިރާޤް ވިދާޅުވިއެވެ.

ފިރާޤް އިތުރަށް ވިދާޅުވީ އޭނާ އެރަށުގައި ނުބަހައްޓައި ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެގޮތުން މާދަމާ އޭނާ އެރަށުން ފުރާނެކަމަށް އަންގާފައިވާކަމަށެވެ.

ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ވަރަށް ހަލު ކަމާއެކު ފެތުރެމުން އަންނާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ހުއްދަ ނުނަގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކޮށްފައެވެ. އަދި އެފަދަ އުޞޫލުތަކާއި ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ