ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާ ދެކޮޅަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 1-22 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު 54/2019 ނަންބަރު ޝަކުވާއާ ގުޅިގެން 31 ޖުލައި 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް އެ މިކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މިމައްސަލަ އެކޮމިޝަނުން ނިންމާފައިވަނީ 31 މެއި 2021 ގައެވެ.
މިއީ 2019 ވަަނަ އަހަރު އޭނާއާ ދެކޮޅަށް ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް އިސްގާޒީ އަބްދުﷲ އަލީއާ ދެކޮޅަށް ހުށަހެޅީ ކޮން ސުލޫކީ މައްސަލައެއް ކަމެއް ޖޭއެސްސީން ބުނެފައެއް ނުވެއެވެ.
މީގެއިތުރުން މިދިޔަ އަހަރުވެސް ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދު ﷲ ޢަލީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަންފަށާފައިވާއިރު، އެއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްކެވެ.



