ހދ. މަކުނުދޫން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަކުނުދޫ ޞިއްޙީ މަރުކަޒުން ވިދާޅުވީ، ރޯގާގެ އަލާމާތްތައް ހުރެގެން މިދިޔަ ބުރާސްފަތި ދުވަހު ފްލޫ ކްލިނިކަށް ދެއްކި މީހެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާ ކަމަށާއި އަދި އެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި ކޭސްއާއި ގުޅިގެން ޕޮޒިޓިވް ވެފައިވާ ފަރާތާއި އެގޭގައި ދިރިއުޅޭ އެހެންފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ޓްރޭސިން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މަކުނުދޫ ޞިއްޙީ މަރުކަޒުން ވިދާޅުވިއެވެ.
ހުރިހާ ފަރާތްތަކުންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގޭން ބޭރަށް ނުދިއުމަށް މަކުނުދޫ ޞިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވާފައިވެއެވެ. އަދި ހޯމް ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުން ހޯމް ކަރަންޓީނުގެ ޤަވާއިދުތަކަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަތެވެ.
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 67،538 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 47،333 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 20،014 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 191 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.



