ހދ. މަކުނުދޫގެ ތަރައްޤީއަށް އެންމެ އިސްކަންދެއްވަނީ އެއަރޕޯޓް ތަރައްޤީކުރުމަށްކަމަށާއި، އެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވެފައި، ދަތުރުފަތުރުކުރުމަށްވެސް ދަތިތަކެއްހުރި ރަށަކަށްވާތީ، ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީއަށް އެއަރޕޯޓެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަކުނުދޫގައި ވަނީ ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން، އައު ސިއްޙީ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
"ރަށުގެ ބޭނުމަށް 22 ހެކްޓަރު ހިއްކޭނެ، އަދި އެއަރޕޯޓު ބޭނުމަށް ބިން ހިއްކޭނެ. ވަރަށް އިސްކަންދީގެން މިމަސައްކަތް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.
މަކުނުދޫގައި ތަރައްޤީކުރާނީ 1800 މީޓަރުގެ ރަންވޭއަކާއެކު އެއަރޕޯޓެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި އެ މަޝްރޫޢާއެކު، ރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިމާއި، އެއަރޕޯޓުގެ ޢުމްރާނީ ވަސީލަތްތައްވެސް ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ އެރަށުގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒަކީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްކަމަށާއި، އެތަނުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތާއި، އެކްސްރޭ، ސްކޭނިންގ އަދި ޑައިލިސިސްގެ ޚިދުމަތްތައް ލިބެން ހުންނާނެކަމަށްވެސް ވިދާޅުވެފައެވެ.




