ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ހީރާ" މަދަހަ މުބާރާތް 2025 މިއަދު ފަށައިފިއެވެ.
މަހަލްދީބް ފައުންޑޭޝަނުން ހޯސްޓްކުރާ މި މުބާރާތުގައި މިއަހަރު ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ހުންނަވާނެއެވެ. އަދިމީގެ އިތުރުން ނާޢިމް އަލީ އަދި އިއްޒަތު އަހްމަދު ނިޒާރުވެސް ފަނޑިޔާރުކަން ކުރައްވާނެއެވެ.
މި އަހަރުގެ މުބާރާތުގައި ވަކިވަކި ފަރުދުންގެ ގޮތުގައި 17 ބައިވެރިން ވާދަކުރާއިރު، ގްރޫޕް މަދަހަ ކެޓަގަރީގައި 6 ގްރޫޕަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި އަހަރުތަކުގެ ތެރެއިން އަހަރެކެވެ.
މުބާރާތުގެ އިނާމުތަކުގެ ގޮތުގައި ގްރޫޕް މަދަހަ ކެޓަގަރީން އެންމެ މޮޅު ހުށަހެޅުމަކަށް 6,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާ ހަމަޖެހިފައިވެއެވެ. އަދި ވަކިވަކި ފަރުދުންގެ ކެޓަގަރީން އެންމެ މޮޅު ހުށަހެޅުމަކަށް 2,000 ރުފިޔާ، ދެވަނައަށް 1,500 ރުފިޔާ އަދި ތިންވަނައަށް 1,000 ރުފިޔާ ލިބިދެވޭނެއެވެ.
މި މުބާރާތަކީ މަކުނުދޫގެ ޒުވާނުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނު އާލާކޮށް، ދިރުވައި، ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެއިތުރުން މި މުބާރާތުން ޒުވާން ހުނަރުވެރިން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އިންތިޒާމު ކޮމިޓީން ފާހަގަކުރެއެވެ.