އެތައް ކުޑަކުދިންނަކަށް ޖިންސީ އަނިޔާ ކޮށްފައިވާ އޮރެގަންގެ މީހަކު 275 އަހަރަށް ޖަލަށް ލައިފިއެވެ.
އުމުރުން 34 އަހަރުގެ ޓްރިސްޓަން ރޭ ސްޓެންޓަން، 275 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވުމާއި ގުޅިގެންނެވެ.
2014 އާއި 2020 ވަނަ އަހަރާއި ދޭތެރޭ ހަތަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ 29 ދައުވާއެއް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. މި 29 ދައުވާގެ ތެރެއިން އޭނާގެ މައްޗަށް ވަނީ 10 ދައުވާއެއް ސާބިތުވެފައެވެ.
އެންމެ ފުރަތަމަ ސްޓެންޓަން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ ފުލުހަށް ހުށައަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އޭގެ ފަހުން އިތުރު ދެ އަންހެން ކުދިންނަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާއިރު، ހަތަރު ވަނަ ކުއްޖަކަށް ވެސް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ ފުލުހަށް ހުށައަޅާފައިވެއެވެ.