ޖެންސެން އާއި މޮޑާނާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފި

ޖެންސެންގެ ވެކްސިން އަދި މޮޑާނާ ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު ދީފައެވެ.

މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެހުއްދަދީފައިވާ ފަސް ވަނަ ވެކްސިނެވެ.

ދިވެހިރާއްޖޭގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި މި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ޖެންސެން ވެކްސިން އުފައްދަނީ "Janssen Pharmaceutical Companies of Johnson and Johnson" އިންނެވެ. އަދި މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ، ބެލްޖިއަމް، ނެދަލޭންޑްސް، ކެނެޑާ، އޮސްޓްރިއާ، ޑެންމާރކް، އިޓަލީ، ސައުތު އެފްރިކާ އަދި ސްޕެއިން ފަދަ ގައުމުތައް ހިމެނެއެވެ.

މޮޑާނާ ވެކްސިނ އުފައްދަނީ "Moderna Biotech Spain" އިންނެވެ. އަދި މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެމަޖެންސީ ރޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސްވިޒަލޭންޑް އަދި ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތައް ހިމެނެއެވެ.

މި ދެ ވެކްސިން ވެސް ބަހައްޓަންޖެހެނީ 25- ޑިގްރީ އާއި 15- ޑިގްރީގެ ފިނިހޫނުމިނެއްގައެވެ. އެހެން ކަމުން މިވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެނެވެ. އެމްއެފްޑީއޭ އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވިއެވެ.

ވެކްސިންއެއް ބޭނުންކުރުމުގެސަބަބުން ކޮންމެވެސް ޢާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، ކޮންމެސް ވަރެއްގެ ރިއެކްޝަން އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން، ކުރިއެކޭ ވެސް އެއްފަދައިން، މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަންއެ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން
އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ގާތުން ބަލަމުން ގެންދާނެ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ