މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ މި ހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ މި ދިޔަ އަހަރުގެ އަހަރީ އަންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވާކަމަށާއި، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 20 ޖޫން 2021 ވާ ޢާދިއްތަ ދުވަހުގެ މެންދުރު 13:00 ގައިކަމަށެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 19 މެއި 2021 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، މި ޖަލްސާގައި ބައިވެރިވާން ބޭނުންފުޅުވާ އެކުންފުނީގެ ޙިއްޞާދާރުން 18 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމުގައި އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީޕޯރޓަލް (www.infinity.mv) މެދުވެރިކޮށް ނުވަތަ އެޕްލިކޭޝަންފޯމް [email protected] އަށް އީމެއިލް ކުރައްވައިގެން ވެސް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
އެމްޓީސީސީ އަކީ ސަރުކާރުން ހިންގާ ތަރައްޤީޤެ ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ބިޑް ކާމިޔާބު ކުރައްވާފައިވާ ކުންފުންޏެކެވެ. އެކުންފުނިން ގެންދަވަނީ ވަރަށް ގިނަ ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގަވަމުންނެވެ.
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ:
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
- 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން
- 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން
- 2020 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން
- 2021 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
- ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު އަދި އިންތިޚާބު ކުރެވިފައިވާ ފަރާތްތައް އިޢުލާނު ކުރުން
- ޙިއްޞާދާރުން ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދެއްވުން
- ޖަލްސާ ނިންމުން



