ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.
މިއަދު އެންމެ ފުރަތަމަ ކޮވިޑްގައި ނިޔާވެފައި ވަނީ 86 އަހަރުގެ ފިރިހެނެެކެވެ. އެ މީހާ ނިޔާވެފައި ވަނީ ރޭ 12:19 ހާއިރު އެވެ. އޭގެ ފަހުން މިއަދު ހެނދުނު 9:33 ގައި ވަނީ 100 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑްގައި ނިޔާވެފައެވެ. އަދި މިރޭ ތިންވަނަ މީހަކު ނިޔާވެފައިވާއިރު، އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ފިރިހެނެކެވެ.
ކޮވިޑްގައި މިއަދު ނިޔާވި ދެވަނަ މީހާ، މިއަދު ހެނދުނު ނިޔާވެފައިވާ އުމުރުން 100 އަހަރުގެ ފަރާތަކީ ސަރުކާރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ފަރާތެއް ކަމަށްވާ އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 188 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް ބަލި ކޮންޓްރޯލުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިފަހުން، މިހާރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ތިރިވެފައެވެ.
މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އެގޮތުން މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.




