ޝައިޚް ޢަލީ ޒައިދު

ޙައްޤުބަސް ބުނުމުގައި އަދާލަތު ދެމިއޮންނާނެކަން އަންގަދީފި: ޒައިދު

ޙައްޤުބަސް ބުނުމުގައި އަދާލަތު ޕާޓީ ދެމިއޮންނާނެކަން މިއަދު އަންގަދީފިކަމުގައި ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަފުރަތު އަމަލު ހުއްޓުވުމުގެ ބިލު އަދާލަތު ޕާޓީން ދިރާސާކޮށް، އެބިލާ ގުޅޭ ގޮތުން އެޕާޓީން ދެކޭ ގޮތް އާންމުކުރުމާއި ގުޅިގެންނެވެ.

އެގޮތުން އަދާލަތު ޕާޓީން ވަނީ އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށް ކަރުދާހެއް ނެރެފައެވެ.

އެކަރުދާހުގައި ބުނެފައި ވަނީ ނަފްރަތުގެ ކުށަކަށް ނުވަތަ ނަފްރަތުގެެ މައްޗަށް ބިނާވާ ކުށަކަށް ޢަމަލެއް ބަދަލުވެގެން ދަނީ، ތަޢައްސުބުގެ މައްޗަށް ބުރަވެ ވަކިނަސްލެއް ނުވަތަ ވަކި ދީނެއް ނުވަތަ އެނޫން ވަކި ޚާއްސަ ސިފަތަކެއް ނިސްބަތްކުރެވޭ މީހަކު ނުވަތަ ބަޔަކު ނައްތައިލުމަށް މަސައްކަތް ކުރުމާއި އެމީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމާއި ދުއްތުރާ ކުރުމުގެ އެނޫން އަމަލުތަކަށް އަރައިގަތުމުންކަމަށެވެ.

ޢަދާލަތުން ދެކޭ ގޮތް ހާމަ ކުރުމާއި ގުޅިގެން ޒައިދު ވިދާޅުވީ ނަފްރަތު ހުއްޓުވުމުގެ ނަމުގައި ހުށައަޅައިގެން އުޅޭ މުންކަރާތް މަނާކުރުން ހުއްޓުވުމުގެ ބިލާއި މެދު އެޕާޓީގެ ސްޓޭންޑް ވަރަށް ސާފުކަމަށެވެ.

"ޤަރާރް ނެރެފި! އަދި ތަފްޞީލީ ދިރާސާ ނެރެފި! ސާބިތު ކަންދެއްވާށި!" ޒައިދު ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީން މި ބިލް ދިރާސާކޮށް ނެރެފައިވާ ކަރުދާހުގައި ވަނީ ނަފްރަތުގެ ޢަމަލާއި ބަސްމަޤަށާއި، ދިވެހިރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ މިންވަރާއި، ހެޔޮކަންކަމަށް ޢަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމާއި ގުޅޭ ގޮތުން އަލި އަޅުވާލައްވާފައެވެ.

މީގެ އިތުރުން ނަފްރަތުގެ ބަސްމަގު ހުއްޓުވުމަށް އދ އިން ލަފާދޭ ހަމަތަކަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ނަފްރަތުގެ ބަސްމަގާއި، އަނިޔާވެރި ބަސްމަގު ދުނިޔެގައި ހުއްޓުވުމުގެ މަޤްސަދުގައި އ.ދ އިން ގެންގުޅޭ ސްޓްރެޓަޖީތައްވެސް މި ކަރުދާހުގައި ހާމަކުރައްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ޖަމިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ޢަމަލުހުއްޓުވުމުގެ ބިލަށް ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑު ވިދާޅުވަމުންނެވެ. ޚާއްސަ ކޮށް މި ބިލަށް ދީނީ ޢިލްމުވެރިން ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ