ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
މިނިސްޓަރު މަޙްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައެވެ.
މިކަން ކަށަވަރުކޮށްދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މަޙްލޫފްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާތީ، ޕީޖީ ގޮތެއް ނިންމަވަންދެން، މަޙްލޫފް މަސައްކަތުން އެކަހެރިވުމަށް އަންގަވާފައިވާ ކަމަށެވެ.
މަޙްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤުކުރުމަށް މި ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުން އަދި އޭސީސީ ގުޅިގެން ހިންގި ތަޙްޤީޤަކަށް ފަހުގައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ފައިސާއިން މަނީލޯންޑަރކުރަން ބޭނުންކުރިކަމަށް ތުހުމަތުކުރާ ކުންފުނި އެސްއޯއެފްއިން މަޙްލޫފަށް 33،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.
މަޙްލޫފަށް ލިބުނު އެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރެއެވެ.
"އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި އަޙްމަދު މަޚްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން އަޙްމަދު މަޚުލޫފުގެ އެކައުންޓަށް 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަޙްމަދު މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަޙްމަދު މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަޙްމަދު އަދީބު، އަޙްމަދު މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭ" އޭސީސީއިން ވިދާޅުވިއެވެ.
އޭސީސީއިން ވިދާޅުވީ، 33,000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭ.ސީ.ސީއަށް މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަމަށާއި، އެއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއިން އެނގެން އޮންނަ ކަމަށެވެ.
ނަމަވެސް މި ތުހުމަތުތައް މަޙްލޫފް ވަނީ ދޮގުކޮށްފައެވެ. މަޙްލޫފު ވިދާޅުވެފައިވަނީ އެ ފައިސާއަކީ އޭނާގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގި އިރު އެއްބަފާ ކޮއްކޮ ގ.ހާފްސީ، އަލީ މުބީން މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް ކަމަށެވެ.
މިނިސްޓަރ އަޙްމަދު މަޙްލޫފްގެ މައްޗަށް ދައުވާ ކުރުމާއިމެދު ޕީޖީ އޮފީހުން އަދި ވަކިގޮތެއް ނުނިންމަވައެވެ.




