ކަންބަޅިއެއްހެން ކަތިލަނީ ޒާތީވެގެން ކަމަށާއި، އުޞޫލުގެ ތެރެއިން މައްސަލަ ބަލަމުންދާނަމަ މަޤާމުގައި ދެމިނުހުންނަވާނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް ވިދާޅުވީ، އެމަނިކުފާނާ ދޭތެރޭގައި ޢަމަލުކުރައްވަމުން އަންނަނީ ޒާތީކޮށް ކަމަށާއި، އެކަން އެގޮތަށް ކުރައްވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، އެންމެ އިސް ވެރިންނަށްވެސް އެނގިގެން ކަމަށެވެ.
"ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީ މައްސަލައިގަ އަޅުގަނޑާާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން ، އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން." މަޙްލޫފް ވިދާޅުވިއެވެ.
ބަޔަކު އުޅެނީ އެމަނިކުފާނު ޔޫތް މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރަންވެގެން ކަމަށާއި، ނަމަވެސް މަގާމުގައި ބަގުޑިބައްދައިގެން ހުންނަވަން ނޫޅުއްވާކަން، އެކަން ކުރާ މީހުންނަށް ވިސްނިވަޑައި ނުގަންނަވާކަމަށް މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ، އުޞޫލުތަކުގެ ތެރެއިން އެމަނިކުފާނުގެ މައްސަލަ އިންސާފުވެރިކޮށް ކުރިއަށް ގެންދަވާނަމަ، އެންމެ ދުވަހަކުވެސް މަޤާމުގައި ދެމި ނުހުންނަވާނެ ކަމަށެވެ.
"ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕޮލުހުންނާއި، ޕީޖީ އަދި އޭސީސީއިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އަޅުގަނޑާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މިމަގާމުގަ ދެމިނުހުންނާނަން." މަޙްލޫފް ވިދާޅުވިއެވެ.
"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިތުރަށް ވިދާޅުވީ، "ވަރުބަލިވެއްޖެ" ކަމަށާއި، އެމަނިކުފާނަށްވެސް "އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ" ކަމަށެވެ.
ހިޔާލު
ކަޑުލުގެެ ހިތިފިލުވަންް ޖެހޭނެކަންް ކުރިންނޭގުނީތީީ ވަރަންދެރަދޯ