ރައީސް ނަޝީދުގެ އިތުރު ސާޖަރީއެއް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިތުރު ސާޖަރީއެއް ކޮށްފިއެވެ.

ރައީސް ނަޝީދު މިހާރު އަންނަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން އެމަނިކުފާނު މިއަދު އިތުރު ސާޖަރީއެއް ހަދާފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން މި ހަމަލާއާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދަވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެހޮސްޕިޓަލުގައި އެތައް ގަޑިއިރުތަކެއްގެ ސާޖަރީއެއް ކޮށްފައިވާއިރު، އޭޑީކޭ އިން ވިދާޅުވެފައި ވަނީ މި ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާފަދަ ޒަހަމްތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ބޮން ގޮއްވާލުމާއެކު ބުރައިގެ ދިޔަ ރޭޒަރ ފުއްތައް އެމަނިކުފާނުގެ ހިތާ ހިސާބަށް ނުގޮސް ހުރީ ކިރިޔާކަމަށް އޭޑީކޭ އިން ވަނި ވިދާޅުވެފައެވެ.

އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދިނުމަށް ފަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގެންގޮސްފައެވެ. ޖަރުމަނުގައި ފަރުވާ ހޯދުމުން ދިޔަ ހޮސްޕިޓަލުން ރައީސް ނަޝީދު ދޫކޮށްލާފައި ވީނަމަވެސް އެމަނިކުފާނުގެ އިތުރު ސާޖަރީއެއް މިއަދު ހަދާފައިވާކަން އާއިލާއިން މި ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ