އެލްޖީއޭ ބޯޑް އިލެކްޝަން: ރަށު ކައުންސިލްގެ ގޮނޑި ޕީޕީއެމް އިން ކާމިޔާބުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ގޮނޑި އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން، އެލްޖީއޭގެ ގޮނޑި ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ޙުސައިން ޔާމީން މުޙައްމަދު ކާމިޔާބު ކޮށްފައިވަނީ، އއ. ތޮއްޑޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު ކަރަމްއަށް ވުރެ އިތުރަށް ދެ ވޯޓު ހޯދައިގެންނެވެ. ޙުސައިން ޔާމީން މުޙައްމަދަށް 416 ވޯޓު ލިބިފައިވާއިރު އަޙްމަދު ކަރަމްއަށް ލިބިފައިވަނީ 414 ވޯޓެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މުޙައްމަދު އިލްހާމަށް 21 ވޯޓު ލިބިފައިވާއިރު ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ޒާމިރަށް 8 ވޯޓު ލިފައިވެއެވެ.

އަދި ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މުޙައްމަދު ރަޒީފަށާއި ފ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ވަޙީދަށް 4 ވޯޓު ލިބިފައިވާއިރު ގއ. ދާންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު އިބްރާހީމަށް ލިބިފައިވަނީ 2 ވޯޓެވެ.

އެލްޖީއޭގެ ރަށު ކައުންސިލްގެ ގޮނޑި ހޮވުމަށް ބޭއްވި 918 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 872 މީހުންނެވެ.

އެލްޖީއޭގެ ބޯޑުގެ ސިޓީ ކައުންސިލްތަކުން ހޮވާ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤެވެ. އެލްޖީއޭގެ ގޮނޑި މޭޔަރު އިސްމާއިލް ރަފީގް ކާމިޔާބު ކޮށްފައިވަނީ، މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއާއި ވާދަކޮށެވެ. ރަފީގަށް 24 ވޯޓު ލިބިފައިވާއިރު މުއިއްޒުއަށް ލިބިފައިވަނީ 21 ވޯޓެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ