ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރަކު ހިދުމަތް ހޯދަނީ - ފޮޓޯ: ބީއެމްއެލް

ފެށޭ ހަފްތާގައި ބީއެމްއެލް ހުޅުވާނެ ގަޑިތައް އާންމުކޮށްފި

މި ފެށޭ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވިފައި ހުންނާނެ ގަޑިތައް އެ ބޭންކް އިން އާންމުކޮށްފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް 13 ޖޫން އިން ފެށިގެން 17 ޖޫންއާއި ހަމައަށް ބަންދުވާނެއެވެ.

ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާކަމަށާއި އެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެއެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ބޭންކް އިން ވަނީ ވިދާޅުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމްއެމްއޭ އިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް ބީއެމްއެލް އިން ހިިދުމަތްދިނުމަށްޓަކައި އަންނަ ހަފްތާގައި އެ ބޭންކުގެ މަސައްކަތު ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް މި ދުވަސްތަކުގައި ލިބޭނެކަމަށާއި، އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެކަމަށް އެ ބޭންކް އިން ވިދާޅުވެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރާނެކަމުގައި ބީއެމްއެލް އިން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން ވިދާޅުވީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތްވެސް ލިބޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ