ކޮވިޑުން ރަނގަޅުވިއަސް ކަރަންޓީނުވާން ޖެހޭކަމަށް އަންގައިފި

ކޮވިޑް-19 ޖެހި ރަނަގަޅުވެފައި ތިބޭ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާ ނަމަ ކަރަންޓީން ވާން ޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރެފައިވާ ސަރކިއުލާއެއްގައި ބުނީ، މާލެ ސަރަހައްދާއި ރިސޯޓުތަކުންނާއި އަދި ގެސްޓްހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށަކަށް މީހަކު ދަރު ކުރާ އިރު އެމީހާ އަކީ ކޮވިޑް ޖެހި ބަލިން ރަނގަޅުވިތާ 3 މަސް ހަމަނުވާ މީހަކު ނަމަ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓިން ވާން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ކަރަންޓީނުވާ މީހުން ކަރަންޓީނުން ދޫކޮށްލާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ކަމަށްވެސް މި ސަރކިއުލާގައިވެއެވެ.

އެޗްޕީއޭއިިން ބުނީ މިގޮތަށް ނިންމާފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރިގެންފައިވަނީ މިދިޔަ މެއި މަހުއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 2000 އާ ގާތްކުރާ އަދަކަކަށް ޕޮޒިޓިވް ކޭސްތައްވަނީ ފެނިފައެވެ. އަދި އެއާއެކު ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން 69،831 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން އައްނަ މީހުންގެ އަދަދަކީ 13،071 މީހުންނެވެ. މީގެތެރެއިން 111 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މުޅި ޖުމްލަ މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 195 އެވެ.

މިލިޔުން ކިޔާލުމުން
215
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ