މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަން، ލޯޔަރަކަށް ވުމަށްޓަކައި ހަދަންޖެހޭ ފުރަތަމަ ބާ އެގްޒާމް އިން ދެވަނަ ފަހަރަށްވެސް ފެއިލް ވެއްޖެއެވެ.
ކިމް މިކަން ހާމަކުރީ މީގެ ތިން ދުވަސް ކުރިން ދެއްކި "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ފިނާލޭ އެޕިސޯޑުގައެވެ. މި އެޕިސޯޑާއެކު މި ރިއަލިޓީ ޝޯ އެއްކޮށް ވަނީ ނިއްމާލައިފައެވެ.
ލޯޔަރުކަން ކިޔަވަމުން އަންނަކަން އެންމެ ފުރަތަމަ ކިމް ހާމަކުރީ 2019 ވަނަ އަހަރު ތެރޭގައެވެ. އެގޮތުން ލޯ ޕްރެކްޓިސް ކުރުމަށް ލައިސެންސް ހޯދުމަށް ހަދަންޖެހޭ ރެގިއުލާ ބާ އެގްޒާމް ހަދަން ޖެހުމުގެ ކުރިން ހަދާ ފުރަމަތަ ބާ އެގްޒާމް ނުވަތަ "ބޭބީ ބާ" އެގްޒާމްގައި ކިމް ބައިވެރިވެފައިވަނީ މިދިޔަ އަހަރުއެވެ.
އެ އެގްޒާމް އިންވެސް އޭނާ ފާސްނުވާކަން ހާމަކުރީ ކުރިން ގެނެސްދިން "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ އެޕިސޯޑެއްގައެވެ. ޓެސްޓުން ފާސްވުމަށް އެންމެ މަދުވެގެން 560 މާކްސް ހޯދަން ޖެހޭއިރު، ކިމް އަށް އެބުރު ލިބިފައިވަނީ، 474 އެވެ.
އަދި މި ހަފްތާގައި ގެނެސްދިން ފިނާލޭ އެޕިސޯޑުގައި، ހަމަ އެ އެގްޒާމް އިން އޭނާ ދެވަނަ ފަހަރަށް ފެއިލްވިކަން ހާމަކުރިއިރު، ދެވަނަ ފަހަރަށް ލިބިފައިވަނީ 463 މާކްސްއެވެ.
ކިމް ލޯ ކިޔަވަމުން އަންނަނީ ކެލިފޯނިއާގެ ލޯ ފާމްއަކާއެކު އެވެ. އަދި "ބޭބީ ބާ" އެގްޒާމް އަކީ ހުއްދަ ދެވިފައިވާ ސްކޫލްތައް ފިޔަވާ އެޕްރެންޓިސްޝިޕް ނުވަތަ އަމިއްލަ ތަންތަނުން ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް ކެލިފޯނިއާގައި ދޭ އެގްޒާމްއެކެވެ. ކެލިފޯނިއާއަކީ ބާ އެގްޒާމް ހެދުމަށްފަހު ފާސްވެގެން ނޫނީ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ މަދު ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ.
ދެވަނަ ފަހަރަށްވެސް މި ޓެސްޓުން ފެއިލް ވުމުން ކިމް ހުރީ ވަރަށް ޑިސެޕޮއިންޓް ވެފައިކަން އޭނާ ވަނީ ހާމަކޮށްފައެވެ.
ކިމްގެ ދައްތަ ކްލޯއީ ބުނި ގޮތުގައި އެދުވަސްވަރަކީ، ކިމް ކޮވިޑަށް ޕޮޒިޓިވްވުމާއި އަދި ކިމްގެ އަމިއްލަ ދިރިއުޅުމުގެ ހާލަތު އެހާ ރަނގަޅު ދުވަސްވަރަކަށް ނުވުމުން ފަހު ފަހަރު ހެދި ލޯ އެގްޒާމް ގެ ނަތީޖާ އަށް ބުރޫއެރީއެވެ.
ޖެހުނު މައްސަލަ ތަކެއްގައި ކިމް އާއި ކާންޔޭގެ ކައިވެނި މިހާރު ވަނީ ރޫޅިފައެވެ. 7 އަހަރު ދުވަސްވީ ކައިވެނި ރޫޅުނުއިރު، މި ދެމީހުންނަށް 4 ކުދިން ލިބިފައިވެއެވެ.




ހިޔާލު
މި ޤައުމަށް އާދޭ އަވަހަށް . ތީ އެއްވެސް ކަމެއްނޫން. ދެރަވާންވީ ކަމެއްނެތް. ޢާ އެގްޒާމް އެއް ހަދާ . ބާ އެއްޗެއް ހަދަން އުޅޭނެ ކަމެއް ނެތް.