ޕްރޮފެސަރ ޙަސަން އުގައިލް - ފޮޓޯ: މިހާރު

އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ރާއްޖެއަށް ކުރިއެއް ނޭރޭނެ: އުގައިލް

އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ޕޮރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިފަދައިން ވިދާޅުވެފައިވަނީ އައްޑޫގައި ކޮންސިއުލާ އޮފީހެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން ފާސްކުރުމާއި ގުޅިގެންނެވެ. ނަމަވެސް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން ޕޮރޮފެސަރ އުގައިލް ވިދާޅުވީ، އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

"ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟ މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް." އުގައިލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އުގައިލް ވަނީ މިކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ވާހަކަދައްކަވައިފައެވެ. އެގޮތުން ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހެދުމަށް ފަހު އެއުވާލުމަކީ ވަރަށް ނާދިރު ކަމެއްކަމަށާއި އެއުވާލެވޭނެ ހަމައެކަނި ގޮތަކީ އެގައުމަކާއި އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން އެއްކޮށް ކަނޑާލުން ކަމުގައި އުގައިލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން ފެންނަން ޖެހޭކަމަށް ވެސް ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޮންސިއިލޭޓެއް ޤާއިމްކުރުމާމެދު ގިނަ ބަޔަކު ދެކޮޅު އިރު، ޑިޕްލޮމެޓިކް ދާއިރާގައި މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެކަމުގައި ގޮތެއް ނިންމާނީ ދިވެހި ސަރުކާރުންނެވެ. އެއްވެސް ގައުމަކުން އަނެއް ގައުމެއްގައި ކޮންސިއުލޭޓެއް، އެމްބަސީއެއް، ހައި ކޮމިޝަނެއް ހުޅުވަން ނިންމައިފި ނަމަ އެކަމަށް އާންމުކޮށް ހުއްދަ ދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ