އެންމެ ބޮޑު އާއިލާގެ އިސްމީހާ މަރުވެއްޖެ

މުޅި ދުނިޔެއިންވެސް އެންމެ ބޮޑު އާއިލާ ކަމަށް ބެލެވޭ އާއިލާގެ އެންމެ އިސްމީހާ އުމުރުން 76 އަހަރުގައި މަރުވެއްޖެއެވެ.

އެކަކަށް ވުރެ ގިނަ މީހުންނާއި އިނުން ހުއްދަކުރާ ދީނީ ފިރުގާއަކަށް ނިސްބަތްވާ ޒިއޯނާ ޗަނާ މަރުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ މިޒޮރަމް ސްޓޭޓުގައެވެ.

ޗަނާ މަރުވިއިރު އޭނާގެ 38 އަނބިންނާ، 89 ދަރިންނާ، އަދި 36 ކާފަދަރިން ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޔެއް ލޯކަލް ރިޕޯޓުތައް ބުނާގޮތުން މި އަދަދުތައް މިއަށްވުރެވެސް އިތުރެވެ. މިގޮތުން 39 އަނބިންނާ، 94 ދަރިންނާ، އަދި 33 ކާފަދަރިންނާއެކު އާއިލާގައި 181 މީހުން ހިމެނޭކަމަށް ބަޔެއް ރިޕޯޓުތައް ބުނެއެވެ.

ޗަނާގެ މުޅި އާއިލާ ދިރިއުޅެމުންދާ ގެ

ޑޮކްޓަރުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޗަނާގެ ސިއްހީ ހާލަތު ދައްވެފައިވަނީ އޭނާ ދިރިއުޅެމުންދާ އަވަށުގައި ހުއްޓައެވެ. ސިއްހީ ހާލަތު ދައްވުމާއެކު ޗަނާވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޗަނާ މަރުވެފައިވަނީ ހޮސްޕިޓަލުގައެވެ. ޗަނާއަކީ ހަކުރު ބައްޔާއި އަދި ލޭމައްޗަށް ދިއުމުގެ ބަލި ހުންނަ މީހެއް ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ޗަނާއަކީ މުޅި ދުނިޔެއިންވެސް އެންމެ ބޮޑު އާއިލާގެ އިސްމީހާކަމަށް ރަސްމީ ސިފައެއްގައި ނިންމާފައެއް ނުވެއެވެ. މިކަމަށް ދައުވާކުރާ އިތުރު މީހުން އަދިވެސް ދުނިޔޭގައި ދަނީ އުޅެމުންނެވެ.

ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ޗަނާ އުފަންވެފައިވަނީ 1945 ވަނަ އަހަރުއެވެ. އަދި އެންމެ ދޮށީ އަނބިމީހާއާއި ބައްދަލުވެފައިވަނީ ޗަނާގެ އުމުރުން 17 އަހަރުގައެވެ.

 

މިލިޔުން ކިޔާލުމުން
12121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ