ގަންގާ ކޫރުގައި އޮޔާ ދަނިކޮށް ސަލާމަތްކުރި ކުޑަކުއްޖާ

ލަކުޑި ފޮއްޓެއްގައި އޮތް ކުޑަ ކުއްޖަކު ގަންގާ ކޯރުން ސަލާމަތްކޮށްފި

ލަކުޑި ފޮއްޓެއްގެ ތެރެއަށް ލައި އިންޑިއާގެ ގަންގާ ކޯރަށް ދޫކޮށްލައިފައިވާ ތުއްތު ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

އުމުރުން 21 ދުވަހުގެ މި ތުއްތު ކުއްޖާ ފެނިފައިވަނީ، އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕުރަދޭޝްގައި ދޯނި ދުއްވާ މީހަކަށެވެ. ގުލޫ ޗައުދަރީ ނަމަކަށްކިޔާ މިމީހާ އަށް ތުއްތުކުއްޖަކު އޮޔާދާތަން ފެނުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ހޯދި ހޯދުމުންކަމަށް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ޗައުދަރީ އިތުރަށް ބުނީ، ތުއްތު ކުއްޖާ ލައިފައިއޮތީ ލަކުޑި ކުޑަ ފޮއްޓެއްގެ ތެރެއަށް ރަތްކުލާގެ ފޮތިގަނޑެއްގައި އޮޅާލައިފައި ކަމަށާއި ފޮށީގެ ބޭރުގައި ހިނދީ ދީނުގެ ކަލާންގެތަކުގެ ތަސްވީރުތައްވެސް ކުރަހައިފައި ހުރި ކަމަށެވެ. މި ތުއްތު ކުއްޖާވަނީ ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ދެނެގަނެވިފައެވެ. ފަހުގެ ތާރީހެއްގައި ކުޑަކުދިން ބެލުމަށް ހާއްސަ ތަނަކަށް ބަދަލުކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ތުއްތު ކުއްޖާ ފެނުނު ފޮށިގަނޑު

ގަންގާ ކޯރުގެ ތެރެއަށް ތުއްތު ކުއްޖާ ދޫކޮށްލައިފައިވަނީ ކޮން މަގުސަދެއްގައިކަން އަދި ނޭންގޭއިރު ފުލުހުން އައްނަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. އިންޑިއާގައި އަންހެނުންނާއި ފިރެހެނުންނާއި ދެމެދު ބޮޑެތި ތަފާތު ކުރުންތަކެއް އޮވެއެވެ. މިގޮތުން އަންހެން ދަރިން މަރާލުންފަދަ ކަންކަން ކޮއްފައި އެބަހުއްޓެވެ. ގަންގާ ކޯރުން ފެނިފައިވާ ތުއްތު މި ކުއްޖާއަކީ އަންހެން ކުއްޖެއްކަން ފާހަގަ ކޮށްލެވެއެވެ.

ފުލުހުން ބުނީ ފޮށިގަނޑުތެރޭ ތުއްތު ކުއްޖާގެ އުފަންތާރީހާއި ވިހި ގަޑީގެ މައުލޫމާތު ހިމެނޭ ކާޑެއް ލައިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ނަމަކީ ގަންގާ ކަމަށް ލިޔެފައިވާ ކަމަށެވެ. ސްޓޭޓް ސަރުކާރުންބުނީ ތުއްތު ކުއްޖާ ބޮޑުވަންދެން ކުއްޖާގެ ހަރަދުތައް ބަލަހައްޓާނެ ކަމަށާއި ކުއްޖާ ކޯރުގެ ތެރެއިން ސަލާމަތްކުރި ޗައުދަރީއަށްވެސް ސަރުކާރުގެ ފަރާތުން ހާއްސަ އިނާމުތަކެއް ދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
4229
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ