ރައީސްގެ ޝުކުރު ވޮލަންޓިއަރުންނަށް!

ކޮވިޑް-19 ގެ ބަލި މަޑު ކަމުގެތެރޭގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޕެންޑެމިކްގެ ތެރޭގައި ދިމާވި އެންމެ ދަތި އެއް ދަނޑިވަޅުގައި ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކޮށްދެއްވި ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި އުޖާލާ ދުވަސްތަކަކަށް އުއްމީދުކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި މުޅި ގައުމު ވެސް ވޮލަންޓިއަރުންގެ މަސައްކަތަށް ދަރާފައިވާ ކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

2019 ވަނަ އަހަރުގެ ފަހު ކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގައި ގިނަ ޤައުމުތަކެއްގައި ހިފެހެއްޓުމެއްނެތް ޙަލުވިކަމާއެކު ފެތުރިގެންފައިވާއިރު، މިބަލީގެ ޝިކާރައަށް މިކުޑަކުޑަ ދިވެހިރާއްޖެވެސްވަނީ ވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑުވެގެން ދިޔަ މަހެވެ. މިބައްޔަށް ގިނަ ބަޔަކު އެމަހު ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީވެސް އެމަހުއެވެ. އެގޮތުން މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ ދަތިކަން ކުރިމަތިވެ، ވޮލަންޓިއަރުންގެ އެހީތެރިކަމަށް ސަރުކާރުންއެދިފައިވާއިރު، ގިނަ އަދަދަކަށަ ދަރުމަވެރިން ވަނީ ކޮވިޑްގެ ބަލިމަޑު ކަމުން އަރައިގަތުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެގޮތުން ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ވެސް ހުޅުމާލޭ އެޗްއެމްއެފްގައި ދަރުމަވެރިއެއްގެ ގޮތު ހިދުމަތްކޮށް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 71،356 އެވެ. އަދި މިވަގުތު މިބައްޔަށް 6،930 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މީގެތެރެއިން 67 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. މިބަލީގައި ރާއްޖެއިން 202 މީހަކު ނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ