ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

ކޮވިޑްގައި މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ ލ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑެމިޓްކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ނިޔާވެފައިވަނީ މިރޭ 07:06 ގައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ ޖުމްލަ އަދަދަކީ 203 އެވެ. އަދި މިއީ ކޮވިޑު ބަލީގައި ރާއްޖެއިން މިއަދު ނިޔާވި ދެވަނަ މީހާއެވެ. މީގެކުރިން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:05 ގައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅު ތަކާއެކު މިހާރު ވަނީ ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

މިދިޔަ މެއިމަހަކީ ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އެގޮތުން މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 88 މީހުން ވަނީ ނިޔާވެފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުމްލަ މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ 71،356 އެވެ. އަދި މިވަގުތު މިބައްޔަށް 6،930 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މީގެތެރެއިން 67 މީހުންނަށް ފަރުވާދެމުން އައްނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ