ދުވަސްހަމަވާން ކައިރިވެފައި ހުރި ވެކްސިންތަކެއް ދިނުމުން، ފަލަސްދީނުން އިޒްރާއިލް އާއިއެކު ވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ފަލަސްދީނުން އިޒްރާއިލް އާއިއެކު ވެފައިވާ އެއްބަސްވުމަކީ، އިޒްރާއިލުން އެއް މިލިއަން ޑޯޒްގެ ފައިޒާ ވެކްސިން ފަލަސްދީނަށް ދިނުމަށެވެ. އަދި އޭގެ ބަދަލުގައި އަހަރުގެ ފަހުކޮޅު ހަމަ އެއަދަދަށް ފަލަސްދީނުން އެ އަދަދަށް ވެކްސިން އިޒްރާއިލަށް ފޯރުކޮށްދޭ ގޮތަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
ފަލަސްދީނުގެ އޮތޯރިޓީން ބުނެފައިވަނީ، އިޒްރާއިލުން ދީފައިވާ ފައިޒާ ވެކްސިންތައް ހުރީ މާބޮޑަށް ދުވަސްހަމަވާން ކައިރިވެފައިކަމަށެވެ.
އިޒްރާއިލުން ފަލަސްދީނަށް ވެކްސިން ފޯރުކޮށްދިނުމުގެ ކުރިންވެސް އެ ވެކްސިން ސްޓޮކް އަކީ ދުވަސް ހަމަވާން ކައިރިވެފައިވާ ސްޓޮކް އެއް ކަމަށް އިޒްރާއިލްގެ އާ ޕްރައިމް މިނިސްޓަރ ނަފްތާލީ ބެނެޓްގެ އޮފީހުން ވަނީ ބުނެފައެވެ. އަދި ވަކި ތާރީހެއް އޭރު ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިޒްރާއިލުން ފަލަސްދީނަށް ފޯރުކޮށްދިން ފައިޒާ ވެކްސިންގެ ފުރަތަމަ ބެޗް އައުމާއެކު އޮފިޝަލުން ބުނީ ދުވަސްހަމަވާ ތާރީހް ހީކުރި ވަރަށް ވުރެ އަވަސްކަމަށެވެ.
އެހެންކަމުން އެ ވެކްސިންތައް ބޭނުންކުރެވޭނެ ވަގުތެއް ނެތުމުން، އިޒްރާއިލް އާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ފަލަސްދީނުގެ އޮތޯރިޓީން ވަނީ އިއުލާންކޮށްފައެވެ.




