އަދުގެ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ "އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)" އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބައެއް ލޯނުތަކުގެ މޮރެޓޯރިއަމް އިތުރުކޮށް ނުދިނުމުުގެ ސަބަބުން ބައެއް ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ދަތިކަމާއެކު ރާއްޖޭގެ އިޤްތިޞާދުވެސް ދަަށަށްގޮސް ވިޔަފާރިތަކުން މީގެ ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކޭނެ މަގުވެސް ބަންދުވުމާއި ގުޅިގެން ސަރުކާރާއި ބޭންކްތަކާއި ގުޅިގެން ލުއިފަސޭހަތަކެއް ހޯދައިދިނެވެ. އެގޮތުން އެސްޑީއެފްސީންވެސް ވޭތުވެދިޔަ އަހަރުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދިނެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އިއުލާނުކުރި ޞިއްޙީ ކުއްލިނުރައްކަލުގެ ހާލަތު އަދިވެސް އުވާލާފައި ނުވާއިރު، ކުރިިއަށް އޮތް އިތުރު މަސްދުވަހަށް ވަނީ އެ ހާލަތު ދަމަހައްޓާފައެވެ. މާނައަކީ ކޮވިޑް-19 ގެ ދަތި ހާލަތުން ޤައުމު އަރައިގެނެވިފައި ނުވާތީ ޤައުމު މުޅިން ހުޅުވާލައި އިޤްތިޞާދީ މަސައްކަތްތައްވެސް އޭގެ އަސްލު ދުވެލީގައި ކުރިއަށް ގެންދަން ފުރުޞަތު ދެވެން ނެތްކަމަށް ސަރުކާރުން ނިންމީއެވެ.
މި ހާލަތު މިހެން އޮތުމާއެކު އެސްޑީއެފްސީން ނިންމާފައިވަނީ، ކޮވިޑް-19 ގެ ހާލަތު މެދުވެރިވުމުން އެ ހާލަތުގެ ތެރޭގައި ދޫކުރި "ކޮވިޑް ރިލީފް ލޯނުތަކަށް" ދިން މޮރެޓޯރިއަމް އިތުރުކޮށް، ޑިސެމްބަރު 2020 އަށް ފަހު އަދިވެސް ލޯނު ދެއްކުން ފަސްކޮށްދިނުމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ކުރިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކަށް 2021 ޖަނަވަރީއިން ފެށިގެން ލޯނު ދެއްކުން ފަސްކޮށްނުދޭން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ހާލަތުން އަރައިނުގަނެވި، ޤައުމުގެ އިޤްތިޞާދީ ހަރަކާތްތައް ވަކި ގޮތްތަކަކަށް ބައްޓަންކޮށް، މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ފުރުޞަތު އަދިވެސް ނެތްއިރު އެސްޑީއެފްސީން ނަގާފައިވާ ލޯނުތައް ދައްކަން ޖެހުމުގެ ސަބަބުން އެތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެ، ބައެއް ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައެވެ.
"ޤައުމު މިއޮތީ އަދިވެސް ބަންދުކޮށްފައި، ޤައުމުގެ ކެޕިޓަލް ސިޓީން މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުފަތުރުކުރުން ޢާންމުކޮށް އަދިވެސް ހުޅުވާނުލައި. ވިޔަފާރިތައް އަދިވެސް ރަނގަޅަށް ހިނގައި ނުގަނޭ. އިޤްތިޞާދުގެ ތެރޭގައި އަދިވެސް އެކަށީގެންވާ މިންވަރަށް ފައިސާއެެއް ނެތް، ކޭޝްފްލޯ އެހާ ތާށި. މިތިބީ އެސްޑީއެފްސީއަށް ލޯނު ދެއްކޭ ހާލަތެއްގައި ނޫން. މިހާލަތުގައި ތިބެ ލޯނު ދައްކަންވެއްޖިއްޔާ ދެން ޖެހޭނީ ވިޔަފާރި ހުއްޓާލަން." ލޯނު ދައްކަން ބޭނުންވިޔަސް އެ ހާލަތު ނެތްކަން ފާހަގަކޮށް މެދުފަންތީގެ ވިޔަފާރިއެއްގެ މެނޭޖިންގ ޑިރެކްޓަރ "ފެށުމަށް" ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މިނޫހުން ސުވާލުކުރުމުން އެސްޑީއެފްސީން ވިދާޅުވީ، ޕެންޑެމިކުގެ ސަބަބުން އަދިވެސް ވަރަށްގިނަ ވިޔަފާރިތަކަކަށް މާލީގޮތުން ބޮޑަތި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
"ކުރީއަހަރު އަޅުގަނޑުމެން ހުރިހާ ވިޔަފަރިތަކަކަށް ބްލޭންކެޓްކޮށް މޮރަޓޯރިއަމް ދިންހެން މިއަހަރު ނުދިންނަމަވެސް ލޯނުއަދާކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ފަރާތްތަކަށް ރިކުއެސްޓް ބޭސިސްކޮށް ލުއިތަކެއް މިދަނީ ދެމުން." އެސްޑީއެފްސީގެ މީޑިއާ އޮފީޝަލް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ސަރުކާރުން ޤާއިމްކުރި އެސްޑީއެފްސީން ހާލަތަށް ރިއާޔަރް ނުކޮށް، ބައެއް ވިޔަފާރިތަކަށް "ދެއްކެން ނެތް" ލޯނުތައް މިވަގުތު ދައްކަން މަޖުބޫރުކުރުމުން ވިޔަފާރިތަކަށް އިއާދަނުކުރޭވޭފަދަ ބޮޑެތި ގެއްލުންތައް ލިބި، ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާއިރު އެތައް މުވައްޒަފުންނެއް މަގުމަތިވުމުގެ ފުރުޞަތު އެބައޮތެވެ.