ކޮވިޑް ބަލީގައި ބްރެޒިލް އިން މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް!

ދުނިޔެއިން ކޮވިޑް ބަލި އެންމެ ގަދަޔަށް ފެތުރެމުންދާ ތިން ވަނަ ގައުމު، ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 500،000 ވުރެ އިތުރުވެއްޖެ އެވެ.

އެއާއެކު ދުނިޔެއިން އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ދެވަނަ ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލްގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުން މިހާތަނަށް 17،883،750 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 500،800 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ބްރެޒިލްގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި މިވަނީ، ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދެކޮޅު ހަދާ، ގައިދުރުކުރުން ފަދަ ފިޔަވަޅުތައް އިތުރަށް ތަންފީޒުނުކުރުމާ ގުޅިގެންނެވެ. މިކަމާއި ގުޅިގެން ރައީސް ބޮލްސޮނާރޯއާ ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިހާރު އަޑު އުފުލަމުންނެވެ.

އެގޮތުން އެގައުމުގެ ސަރުކާރާ އިދިކޮޅު އެތައް ހާސް ރައްޔިތުންނެއް ވަނީ ހޮނިހިރު ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އަދި އެގައުމުގެ ކޮންގްރެސްއިން ދަނީ ބޮލްސޮނާރޯ ކޮވިޑާ ގުޅިގެން އަމަލު ކުރެއްވި ގޮތް ތަހުގީގު ކުރަމުންނެވެ.

ބްރެޒިލްގެ ހެލްތް އިންސްޓިޓިއުޓް އިން ބުނެފައިވާ ގޮތުގައި، ބްރެޒިލްގެ ހާލަތު ވަރަށް ސީރިއަސް ފައްތަރެއްގައި އޮތް އިރު، އެގައުމުން މިހާތަނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވަނީ އާބާދީގެ އެންމެ 15 ޕަސެންޓު މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ