މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.
ލުހުން ވިދާޅުވީ، ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް އަދި ހާމައެއް ނުކުރައްވައެވެ.
މަރާލާފައިވާ ކުއްޖާއަކީ ގދ. މަޑަވެލިއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު އެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް މިމަހު 20 ވީ އާދިއްތަ ދުވަހު ލިބިފައިވާކަމަށާއި އެކަމާ ގުޅިގެން ހަރަކާތްތެރިވަމުންދިޔަ އިރު އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރާއު 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި، އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
އެގޮތުން އެކުއްޖާގެ މޫނު ނޭނގޭ ވަރަށް މޫނަށް އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އެކުއްޖާގެ ކަރުގައި ވެސް ބާރަށް އެއްޗެއް ބަނދެފައިވާ ކަމުގެ ނިޝާންތައް ހުރިކަން އެނގިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ތަހުޤީގުކުރުމަށް މިއަދު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އިންސާނީ ހައްގުތަކާއި ބެހޭ އިދާރާ (އެޗްއާރުސީއެމް) އިންވެސް މި މައްސަލަ ވަނީ ބަލަން ފަށައިފައެވެ.