ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލްއާ ޙަވާލާދީ "ދަ ޕްރެސް" ގައި ބުނެފައިވަނީ ހިޔާގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގެ 7 މުވައްޒަފުން ސަސްޕެންޑުކޮށްފައިވާކަމަށާއި، އަދި އެ 7 މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވަނީ ސީދާ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް ޖެންޑާއިން ހާމަކޮށްފައިނުވާއިރު، އެމުވައްޒަފުން ސަސްޕެންޑް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ފެންމަތިވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި މިމައްސަލާގައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ހައްޔަރުވެސް ކުރިނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ޙައްޔަރުކޮށްފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. އަދި އެމީހާގެ ބަންދަށް 10 ދުވަސް ޖެހިނަމަވެސް، ޝަރުތުތަކާއެކު ކޯޓުން އޭނާ މިދިޔަ ހޯމަ ދުވަހު ދޫކޮށްލާފައިވަނީ ބަންދަށްޖެހި 10 ދުވަސް ހަމަވުމުންނެވެ.