އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖައްމު އެންޑް ކަޝްމީރުގެ ސިޔާސީ އިސް ބަޔެއް ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިއަދެވެ. މޯދީ ޖައްމު އެންޑް ކަޝްމީރުގެ ސިޔާސީ އިސް ބަޔެއް ލީޑަރުންނާއި ބައްދަލުކުރައްވައިފައި މިވަނީ އިންތިހާބުތަކަށްފަހު ދިއްލީއަށް އޮތް ފުލް ކޮންޓްރޯލް އެސަރަހައްދުން ގެއްލިދާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައެވެ.
މޯދީގެ ސަރުކާރުން ޖައްމު އެންޑް ކަޝްމީރު އެމީހުންގެ ފުރިހަމަ އާރާއި ބާރުގެ ދަށަށް ގެނެސްފައިވަނީ 2018 ވަނަ އަހަރު އެސަރަހައްދުގެ ސިޔާސީ ޕާޓީއަކާއި ދެމެދު އޮތް ކޯލިޝަން ރޫޅުމާއި ގުޅިގެންނެވެ. މޯދީގެ ސަރުކާރާއި މުސްލިމް އަގުލަބިއްޔަތެއް އޮންނަ ޖައްމު އެންޑް ކަޝްމީރުގެ ގުޅުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.
މޯދީ ނިސްބަތްވެ ވަޑައިގައްނަވާ ޕާޓީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން އިސްވެ އޮވެ ޖައްމު އެންޑް ކަޝްމީރު ސަރަހައްދަށް ދީފައިވާ ހާއްސަކަން 2019 ވަނަ އަހަރުވަނީ ނިގުޅައިގަނެފައެވެ.
ޖައްމު އެންޑް ކަޝްމީރަކީ 2019 ވަނަ އަހަރުގެ ކުރިން ސްޓޭޓެކެވެ. ނަމަވެސް 2019 ވަނަ އަހަރަށްފަހު މިސަރަހައްދަކީ މައި ސަރުކާރުން ފުރިހަމައަށް ކޮންޓްރޯލްކުރާ ސަރަހައްދަކަށްވަނީ ބަދަލުކޮށްފައެވެ.
މޯދީ މިއަދު ބައްދަލުކުރެއްވި ސިޔާސީ އިސްބޭފުޅުންގެ ތެރޭގައި ޖައްމު އެންޑް ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ ފާރޫގް އަބްދުﷲ އަދި މެހެބޫބާ މުފްތީ ހިމެނިވަޑައިގައްނަވައެވެ.




