ސިޔާސީ މަންފާއެއް ޙާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއްނެތި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާއާއި 59ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކުރެވިފައިވާކަަމށާއި، އެހެންކަމުން ގިނަ ޢަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
"ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް މިކޯލިޝަނުން އަބަދުވެސް ޤަބޫލުކުރަމެވެ. އަދި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކުރަމެވެ." މިބަޔާނުގައި ވެއެވެ.
ނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، އެއީ ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ޚިލާފުކަމެއްކަމަށް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.
އެގޮތުން އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެންކަމަށާއި، އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވާ ޙާލަތެއް އޮވެގެންކަމަށްވާއިރު، ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް އެކޯލިޝަނުންވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށްވެސް އިދިކޮޅު ކޯލިޝަނުންވަނީ އެދިފައެވެ.



