އިރާގް އަދި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް

އިރާގް އަދި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޕެންޓަގަން އިން މި ހަމަލާތައް ދިންކަން ހާމަކުރަމުން ބުނީ، ހަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިން ހަތިޔާރު ރައްކާ ގުދަންތަކަށް ކަމަށާއި ހަމަލާދީފައިވަނީ، އެމެރިކާ ފައުޖުތަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާތަކެއްގެ ރައްދުގައި ކަމަށެވެ.

މިއީ ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާއި ހަވާލުވެވަޑައިގެއްނެވި ފަހުން އިރާގް އަދި ސީރިއާގައި އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން މިފަދަ ދެވަނަ ހަމަލާއެވެ. ޕެންޓަގަންއިން ބުނީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހަމަލާތައް ދިނުމަށް ބައިޑަން ހުއްނެވީ ތައްޔާރަށް ކަމަށެވެ.

އިރާގުގައި ހަރަކާތްތެރިވަމުން އައްނަ އެމެރިކާ ސިފައިންގެ ބޭސްތަކަށް ފާއިތުވެ މަސްތަކުގައި އެތަކެއް ޑްރޯން ހަމަލާތަކެއް ހަނގުރާމަވެރިންގެ ކިބައިންވަނީ އަމާޒުވެފައެވެ. އީރާނުންވަނީ މިފަދަ އެއްވެސް ކަމެއްގެ ފަހަތުގައި އީރާން ނުވާނެކަން ހާމަކޮށްފައެވެ. ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގުގައި 2،500 އާއި ގާތްކުރާ އަދަދަކަށް އެމެރިކާ ސިފައިން އައްނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަން ޕެންޓަގަން އިން ހާމަކޮށްފައެއް ނުވެއެވެ. އޭއެފްޕީ އިން ސީރިއާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނީ އެމެރިކާގެ މި ހަމަލާތަކާއި ގުޅިގެން ފަސްމީހުން މަރުވެފައިވާ ކަމަށެވެ. މީގެއިތުރުން ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވައިގެ ހަމަލާތަކުގައި ކުޑަކުއްޖަކުވެސްވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ